ނަޝީދުގެ ރައްދު: ހާރިޖީ ސިޔާސަތަށް ފާޑުކިޔުމަކީ ވާދަވެރި ޕާޓީގެ މަސްއޫލިއްޔަތެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ހިލާފަށް ގައުމުތަކާ އެކު ގުޅުންތައް ހީނަރުވާ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދި ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނަށް ރައްދު ދެއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ބަޔާނުގައި ނަޝީދުގެ ނަން ގެނެސްފައި ނުވި ނަމަވެސް، ބަޔާން ނެރެފައި ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ހަފުތާގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގެން، ހާރިޖީ ގުޅުންތަކާ ބެހޭ ގޮތުން ނަޝީދު އިންޑިއާގެ މީޑިއާތަކާ ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އެހެން ވެސް ހުރިހާ ސިޔާސަތުތައް މުތާލިއާކޮށް ފާޑުކިޔުމަކީ ވާދަވެރި ޕާޓީގެ ޒިންމާއެއް ކަމަށެވެ.

މިދިޔަ މަހު އޮތް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެ ކަމަށާއި 30 ޕަސެންޓަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން ކަމަށެވެ. އެ މަނިކުފާނު ވަނީ އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީ އާއި ލޯނު ސަރުކާރުން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުކަމާ އެކު ކަމަށް ވެސް ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ ”މޯލްޑިވްސް ފަސްޓް“ ހާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ ބައިނަލްއަގުވާމީ ގުޅުންތަކުގެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ މައްޗަށް ކަމަށެވެ. ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުން ހާރިޖީ ގުޅުންތައް ހީނަރުވާ ގޮތަށް ދައްކަވާ ވާހަކަތަކުން ނޭދެވޭ އަސަރު ކުރާނެ ކަމަށާއި، އެފަދަ ބޭފުޅުން ހާއްސަ ސަމާލުކަމެއް ދެއްވަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.