”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ކުރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރަށް ފުރިހަމައަށް ބޯލެނބުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުރިހާ ސިޔާސީ ޕާޓީތަކަށް މިރޭ އަންގައިފިއެވެ.
އީސީން މި އެންގުން އެންގީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފެތުރުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރުމާ ގުޅިގެންނެވެ. އީސީން ބުނީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ކޯޓު އަމުރުގެ ހުދޫދުން ބޭރުނުވުމަށް ޕާޓީތަކަށް ދަންނަވާފައިވާނެ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ހުއްޓާލުމަށާއި، ޑޮކިއުމެންޓްރީގައި ހިމެނޭ ވާހަކަ ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުމަށާއި، މައްސަލައިގައި ހިމެނޭ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވި މީހާގެ ވާހަކަ ޑޮކިއުމެންޓްރީއާ ގުޅުވައިގެން ނުދެއްކުމަށް އަންގައިފައެވެ. އަދި ޝަރީއަތުގެ ލިޔެކިޔުންތަކާއި މައުލޫމާތުތައް އާންމު ނުކުރުމަށް ވެސް އެ އަމުރުގައިވެއެވެ. ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑު ފާފައެއް ކަމަށާއި، ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު އޮންނަންވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޕީޖީ އޮފީހުން މިއަދު ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލައިފައެވެ. ތަހުގީގު މަރުހަލާގައި ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ތިއްބެވީ ނޫސްވެރިންގެ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ބޭނުންކޮށް ހަނުއެވެ. ފިޔާޒު ވަނީ ތަހުގީގަށް ބޭނުންވާ ޑިޖިޓަލް ޑިވައިސްތަކުގެ ޕާސްކޯޑު ދިނުމަށް ކޯޓުން ކުރި އަމުރަށް ވެސް ދެކޮޅު ހަދައިފައެވެ. މި މައްސަލައާ ގުޅިގެން ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ތިން މަސް ދުވަހުގެ މުއްދަތަށް ހިފަހައްޓައިފައިވެއެވެ.









