ފުރާ މީހުންނަށް 1،000 ޑޮލަރު ދޭނެ ކަމަށް ބުނި އިރު، ހަނގުރާމައެއް ފެށޭނެ ކަމެއް ނޭނގެ: ރައީސް

2 މާރިޗު 2026 - ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މި އަހަރުގެ ފުރަތަމަ ކުއާޓާ އިން ފެށިގެން 1،000 ޑޮލަރު ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ކުރިން ވިދާޅުވި އިރު، މެދުއިރުމަތީގައި ހަނގުރާމައެއް ފެށޭނެ ކަމަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރަނީ 500 ޑޮލަރެވެ. އެ އަދަދު ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

”…ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ،“ ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުރާ މީހުންނަށް ދޭ ޑޮލަރު ބޮޑު ނުކުރެވި އޮތީ ކީއްވެގެންތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ.

”2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވިއިރަކު ނޭނގެ 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު މެދުއިރުމަތީގައި ހަނގުރާމައެއް ފެށޭނެ ކަމެއް. އެއީވީ ގޮތަކީ. ހަނގުރާމައާ ގުޅިގެން އެމްއެމްއޭ އިން ހިސާބު ހައްދަވާފައި އެ ބޭފުޅުން އެ ބައްލަވަނީ ދެން އެންމެ އަވަހަށް ކިހާ އަވަހަކަށްތޯ އެ ބޭފުޅުންގެ ގޯއަހެޑްއެއް ދެއްވޭނީ،“ ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.