ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދެއްކި އޮތް 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ސަރުކާރުން މިއަދު ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ ސަރުކާރުން ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 200 މިލިއަން ޑޮލަރު ނެގީ 2019 ވަނަ އަހަރު އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާ އިން އޮތީ މައާފުކޮށްދީފަ އެވެ. ބާކީ އޮތް 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދައްކައިފަ އެވެ.
ސަރުކާރުން މިއަދު ދެއްކި 50 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުގައި އެދިގެން ރޯލްއޯވާ ކުރަމުން އައި ދަރަންޏެކެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އިންޑިއާއަށް ނުދެއްކި އޮތް 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން މިއަދު ހެނދުނު ދައްކާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 50 މިލިއަން ޑޮލަރު 17 ސެޕްޓެމްބަރު ގައި ދައްކައި ހަލާސްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.









