ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީއެންއެފްގެ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ޕީއެންއެފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށާއި އެފަދަ ބައްދަލުވެއް ބާއްވާނަމަ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އީސީގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެ ބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރު ކުރިން އެ ކޮމިޝަނަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މިހާރު ޕީއެންއެފް އިން ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި އެކަމާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށެވެ.

އަދި މިކަމުގައި ނަސޭހަތްތެރިވެ، ކޮމިޝަނާ ބައްދަލުކުރުމުގެ ދައުވަތު ފޮނުވި ނަމަވެސް ސިޓީގެ ޖަވާބެއް ދީފައިވާ ނުވާ ކަމަށާއި ކޮމިޝަނާ ބައްދަލުކުރުމަށް އިންކާރުކޮށްފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

އީސީން އިތުރަށް ބުނީ، ސިޔާސީ ޕާޓީގެ ގާނޫނުގައި އެއްވެސް ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއީދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ނުކުރަން ބަޔާންކޮށްފައިވާއިރު ޕީއެންއެފް އިން ތަކުރާރުކޮށް އެ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.

އެހެންވެ، 100،000 ރުފިޔާއިން އެ ޕާޓީ ޖޫރިމަނާކުރާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އަދި ޕީއެންއެފްއާއި އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތައް ނުހިންގުމަށާއި މި އަމަލުތައް ތަކުރާރުވާނަމަ އެ އަމަލެއް ހިންގާ ފަރާތްތަކާމެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އީސީން ބުނެފައިވެ އެވެ.