ރައްޔިތުންނާ ބައްދަލުކުރުމުގެ ދެވަނަ ބުރު އަންނަ މަހު ފަށާނަން: ރައީސް

ރައީސް ޑރ މުހައްމަދު މުޢިއްޒު. ފޮޓޯ- ރައީސް އޮފީސް

”ރައްޔިތުންގެ ބައްދަލުވުން“ ތަކުގެ ދެވަނަ ބުރު، އަންނަ ޖޫން މަހުން ފެށިގެން ކުރިއަށް ގެންދަވާނެކަން ރައީސް ޑރ މުހައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ވިސްނުމާއި އެދޭގޮތް ދެނެގަތުމަށް ސީދާ ރައްޔިތުންނާ ބައްދަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ވަގުތު އޮތް މިންވަރަކުން ކޮންމެ ހަފްތާއަކު މަދުވެގެން އެއް ބައްދަލުވުން ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މި ބުރުގައި މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުންނާ ވަކިވަކިން ބައްދަލުކުރެއްވުމުގެ އިތުރުން، ރަށްރަށަށް ކުރައްވާ ޒިޔާރަތްތައްވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި، ވެރިކަމުގެ ފުރަތަމަ އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް (187 ރަށް) ޒިޔާރަތްކުރައްވާފައެވެ. މީގެ ތެރެއިން 63 ރަށަކަށް އެމަނިކުފާނު ވަނީ ދެ ފަހަރަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ޙާލަތު ބައްލަވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޕީސީބީގެ އިރުޝާދުގެ ދަށުން ކުންފުނިތައް ހިންގުން ހަރުދަނާކޮށް، އެފިޝަންޓް ކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމާއި ޚަރަދުތައް ސްޓްރީމްލައިން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.