ރެސްޓޯރެންޓަކުން ކާއެއްޗެހި އޯޑަރު ކުރުމަށްފަހު ފޭކް ސިލިޕް ފޮނުވި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. މާވަށަށް އުފަން 23 އަހަރުގެ ޒުވާނެކެވެ. ހައްޔަރާއި ބަންދު ރެކޯޑް އޮތް އެ މީހާއަށް ފުލުހުން ކުރަނީ މަކަރާއި ހީލަތުގެ ތުހުމަތެވެ.
ބަންދު އަމުރުގައިވާ ގޮތުން ތުހުމަތުވާ މީހާ ކާއެއްޗެހި އޯޑަރު ކުރުމަށްފަހު ފޭކް ސްލިޕް ފޮނުވީ ލެމަގްރާސް ރެސްޓޯރެންޓަށެވެ. އެއީ ލެމަންގްރާސްގެ ކޮން ރެސްޓޯރެންޓެއް ކަމެއް ބުނެފައެއް ނުވެ އެވެ.
ނަމަވެސް ބަންދު މަޖިލީހުގައި ތުހުމަތުގައި ހައްޔަރުކުރި މީހާ ވަނީ ރެސްޓޯރެންޓަށް ފޮނުވި ސްލިޕަކީ ރައްޓެއްސެއް ބުނެގެން ފޮނުވި ސްލިޕެއް ކަމަށް ބުނެފަ އެވެ.
ނަމަވެސް ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ 15 ދުވަހަށް އޭނާ ބަންދުކުރުމަށެވެ.









