ކަރެކްޝަންސްގެ އޭސީޕީ އާސިފް މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް (އޭސީޕީ) މުހައްމަދު އާސިފް ---

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

އެ ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އާސިފް ސިވިލް ކޯޓުގައި ދައުވާކުރިއެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދާތީ އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމުގައި ކަނޑައެޅީ އާސިފް މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އޭނާ އެ މަގާމަށް އަލުން އައްޔަންކޮށް، މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދިނުމަށް ދައުލަތުގެ މައްޗަށް ކޯޓުން އަމުރުކުރިއެވެ.

ޕްރިޒަންސް ކްލަބުގެ ރައީސްކަން ކުރެއްވި އާސިފަށް ހިޔާނާތުގެ ތުހުމަތުތަކެއް ފެންމަތިކޮށް މުވައްޒަފުން، ޕްރިޒަންސް ކޮމިޝަނަރު ހަސަން ޒަރީރަށް ޕެޓިޝަނެއް ހުށަހެޅިއެވެ. އެކަމާ ގުޅިގެން ވަޒީފާއިން ވަކިކުރުމުގެ ކުރިން، އާސިފް މުސާރަ ލިބޭ ގޮތަށް އަށް މަސް ދުވަހު ސަސްޕެންޝަނުގައި ހުންނެވިއެވެ.