ރައީސްއާ ކުރި ސުވާލުތަކާ ގުޅިގެން ޝަހުޒާން ވެސް ކޯޓަށް ހާޒިރުކުރަނީ 

އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން --

”އަދަދު“ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވެސް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގެ ހަބަރު ގެނެސްދިން ގޮތުން، އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ވެސް މާދަމާ ހެނދުނު ކޯޓަށް ހާޒުރުވާން ވަނީ އަންގައިފައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ އަމުރުގައިވަނީ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމާއި، އެއާ ގުޅޭ ވާހަކަ އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުމާއި، ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުމަށެވެ.

ކްރިމިނަލް ކޯޓުން ޝަހުޒާނަށް މިއަދު ފޮނުވި ޗިޓުގައި ވަނީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއް ކަމަށް ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ފޮނުވި ސިޓީން ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާތީ، ކޯޓުގެ ހުރުމަތް ކެނޑިފައިވާކަން ބެލުމަށްޓަކައި އެ މައްސަލައަށް ޖަވާބުދާރީވުމަށްޓަކައި މާދަމާ މެންދުރު 1:00 ގައި ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޯޓު އަމުރުތަކަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އިސްލާމްދީނާއި ގާނޫނުއަސާސީގެ އިންތަކުން ބޭރު ނުވެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ ބައްދަލުވުމުގައި ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ސުވާލުކުރި ”އަދަދު“ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ އެ ބައްދަލުވުމުން ނެރެފައެވެ.

މި މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.