ބާސެލޯނާއިން ލަ ލީގާގެ ތަށި ކާމިޔާބުކުރުން ފާހަގަކުރުމުގެ ތެރެއިން، ސްޕެއިންގެ ޒުވާން ސުޕަސްޓާ ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވާލުމުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބިއްޖެ އެވެ.
ބާސެލޯނާގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށްޓަކައި އެ ސިޓީގެ މަގުތަކަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވި އިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގައި ބޭނުންކުރި ބަހުގެ މަތީގައި ހުރެ، 18 އަހަރުގެ ޔަމާލް ދިޔައީ ފަލަސްތީނުގެ ދިދަ ވިހުރުވަމުންނެވެ. މި މަންޒަރު ފެނި، އެއްވެފައި ތިބި އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އުފާފާޅުކޮށްފަ އެވެ.
ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، ވިދިވިދިގެން ދެވަނަ ފަހަރަށް ލަ ލީގާގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދީ 2-0 އިން ކުރި ހޯދައިގެންނެވެ. މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީވެސް ޔަމާލް އެވެ. އެގޮތުން މި ސީޒަނުގައި އޭނާ ވަނީ ލަ ލީގާގެ 28 މެޗުގައި 16 ގޯލު ޖަހައި އިތުރު 11 ޖެހުމަށް އެހީ ވެފަ އެވެ. އަދި ރަފީނިއާ އާއި ރޮބަޓް ލެވަންޑޯސްކީ އަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު އިރު، ބާސާގެ އެޓޭކް ކުރިއަށް ގެންދިޔައީ ޔަމާލެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ގާޒާއާ ދެކޮޅަށް ފެށި ލާއިންސާނީ އުދުވާނާ ގުޅިގެން، ބާސެލޯނާ ސިޓީ ވެފައިވަނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ސްޕެއިންގެ މައިގަނޑު މަރުކަޒަކަށެވެ. އެ ސިޓީގައި ފަލަސްތީނަށް ތާއީދުކޮށް ގަވާއިދުން ބޮޑެތި މުޒާހަރާތައް ބާއްވަމުންދާއިރު، ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ފުރާ އުޅަނދުފަހަރު ފުރުމަށް ބޭނުންކުރާ މައިގަނޑު ބަނދަރަކީވެސް އެ ސިޓީ އެވެ.









