7 އޮކްޓޫބަރު ހަމަލާގައި ބައިވެރިވި ފަލަސްތީން ރައްޔިތުންނަށް މަރުގެ އަދަބު ދޭން ފާސްކޮށްފި

ފަލަސްތީނު މީހުންނަށް، އަސްކަރީ ކޯޓުތަކުން ދޭ އަސާސީ އަދަބަކީ ދަންޖައްސައިގެން މަރުގެ އަދަބު ދިނުން ކަމުގައި ކަނޑައަޅައި، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނާ ގުޅިގެން އެ ގައުމުގެ ބައެއް ރައްޔިތުން ނުކުމެ މުޒާހަރާ ކުރަނީ --- ފޮޓޯ: ރޮއިޓާސް

އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިސްކޮށް އޮވެ އިޒްރޭލަށް ދިން ހަމަލާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ފަލަސްތީނު މީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބާރު ލިބިގެންވާ ހާއްސަ ޓްރައިބިއުނަލެއް އުފެއްދުމަށް ހުއްދަ ދޭ ބިލެއް، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

އިސްރާއީލުގެ ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން ހުށަހެޅި މި ބިލު، އެ ގައުމުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓް އިން ފާސްކުރީ 93 ވޯޓުގެ އަގުލަބިއްޔަތުންނެވެ. ކްނެސެޓްގައި ބާކީ ތިބި 27 މެންބަރުން މި ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.

މި ބިލު ހުށަހެޅުމުގައި އިސްކޮށް އުޅުނު އިދިކޮޅު ސިޔާސީ މެންބަރު ޔޫލިއާ މަލިނޯވްސްކީ، ވޯޓުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކުން، އެ މީހުންނަށް އަނިޔާވެރިވި މީހުންގެ ލޮލަށް ސީދާ ބަލާލުމުގެ ފުރުސަތު މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ. އަދި އިޒްރޭލަކީ އަމިއްލަ އިސްތިގުލާލު އޮތް ދައުލަތެއް ކަމަށާއި އެ ގައުމަށް ގެއްލުން ދޭ މީހުން ޒިންމާދާރުކުރުވަން އެނގޭނެކަން ދުނިޔެއަށް ހާމަވެގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، މިއީ މުޅި ދުނިޔެއަށް ފެންނާނެ ފަދަ ތާރީހީ ޝަރީއަތްތަކެއްގެ ފެށުމެވެ.

ނަމަވެސް، އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ގާނޫނާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. އެ ފަރާތްތަކުން މަރުގެ އަދަބު ދިނުމުގެ އުސޫލާ ދެކޮޅު ހެދުމުގެ އިތުރުން، އަނިޔާކޮށްގެން ހޯދާ އިއުތިރާފުތަކުގެ މައްޗަށް ބިނާކޮށް، ހަމައެކަނި ދެއްކުންތެރިކަމަށް ހިންގާ ޝަރީއަތްތަކަކަށް މިކަން ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

7 އޮކްޓޯބަރު 2023 އަކީ އިސްރާއީލުގެ ތާރީހުގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަހެވެ. އެ ދުވަހު ދިން ހަމަލާތަކުގައި 1,200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުންނެވެ. މީގެ އިތުރުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 251 މީހަކު ރަހީނުކޮށްގެން ގައްޒާއަށް ގެންގޮސްފައިވެ އެވެ.