މައްކާ ރޫޓް އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީގެ ވަފުދެއް ރާއްޖެ ވަޑައިގެންފި

ސަޢުދީ ޢަރަބިއްޔާގެ "މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ވަފުދުގެ ބޭފުޅެއް ---

މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ސައުދީ އަރަބިއާގެ ”މައްކާ ރޫޓު އިނީޝިއޭޓިވް“ގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.

އިއްޔެ ހަވީރު ރާއްޖެ ވަޑައިގެންނެވި މި ވަފުދުގައި ޖުމުލަ 18 ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. މި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފުރާ ދިވެހި ހއްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖެ ވަޑައިގެން ސައުދީގެ ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ތައްޔާރީތައް އެއާޕޯޓުގައި ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”މައްކާ ރޫޓު އިނީޝިއޭޓިވް“ ރާއްޖެއަށް ފުރަތަމަ ތައާރަފުކުރީ މިދިޔަ އަހަރު ހައްޖު މޫސުމުގައެވެ. މި ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ ސަރުކާރާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގެ ތެރެއިން، ދިވެހި ހައްޖުވެރިންނަށް ދަތުރުފަތުރުގެ ކަންކަން ލުއިފަސޭހަކޮށްދިނުމަށް ވެވުނު މުހިންމު އެއްބަސްވުމެއްގެ ދަށުން ލިބުނު ފުރުސަތެކެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވެގެންދާނެ އެވެ.

ސައުދީން މި ފުރުސަތު މިހާތަނަށް ދީފައިވަނީ ރާއްޖޭގެ އިތުރުން މޮރޮކޯ، އިންޑޮނޭޝިއާ، މެލޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ތުރުކީ، އައިވަރީ ކޯސްޓްގެ އިތުރުން ސެނެގާލް އަދި ބުރޫނާއީ އަށެވެ. ސެނެގާލް އާއި ބުރޫނާއީއަށް އެ ފުރުސަތު ދޭން ފަށާނީ މި އަހަރުން ފެށިގެންނެވެ.