އަލައިކާއަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމަށް ވާދަކުރި އަލައި

މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސްކަމަށް ވާދަކޮށް ނާކާމިޔާބުވި، އާޝިޔަތު އަލައިކާއަށް ޓްރާންސްޕޯޓް އެންޑް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.

އެ މަގާމަށް އަލައިކާ އައްޔަންކޮށްފައިވަނީ އިއްޔެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

މިދިޔަ މަހުގެ ހަތަރެއްގައި ބޭއްވި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި މާލޭގެ ޑަބްލިއުޑީސީގެ ރައީސާ ކަމަށް އަލައިކާގެ އިތުރު ދެ ބޭފުޅަކު ވާދަކުރެއްވި އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައިޝަތު ރީޝާ އެވެ.

އަލައިކާ ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށްވެސް ވާދަކުރައްވައިފަ އެވެ. އެ ދާއިރާއަށް އަލައިކާ ހިމެނޭހެން ފަސް މީހަކު ވާދަކުރި އިރު، އަލައިކާއަށް ލިބުނީ ތިންވަނަ އެވެ. ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބުވެ، ފަހުން ޕީއެންސީއަށް ސޮއިކުރެއްވި އަހުމަދު ޒަމީރެވެ.

އަލައިކާ ހާސިލުކުރި ތައުލީމުތަކުގެ ތެރޭގައި ފައުންޑޭޝަން އިން ޕްރޮފެޝަނަލް ކޮމިއުނިކޭޝަން، ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް، މެލޭޝިޔާގެ ލިންކޮލިން ޔުނިވާސިޓީން ބެޗެލާޒް އިން ޕަބްލިކް މެނޭޖްމަންޓު (އޮނާޒް) ހިމެނެ އެވެ.

އޭގެ އިތުރުން އޭނާ ވަނީ ޗައިނާގެ ޕެކިން ޔުނިވާސިޓީން މާސްޓާޒް އިން މެނޭޖްމަންޓު ސައިންސް: ޕަބްލިކް ޕޮލިސީ އަދި ވިލާ ކޮލެޖުން ބެޗެލާޒް ޑިގްރީގެ އިތުރު ކޯހެއް ހަދައިފަ އެވެ.