އިރުތިޝާމް ރާއްޖެއިން ބޭރަށްކުރާ ރަސްމީ ފުރަތަމަ ދަތުރު އިންޑިއާއަށް

މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމަށް އެންމެ ފަހުން އައްޔަންކުރެއްވި އިރުތިޝާމް އާދަމްގެ ރަސްމީ ދަތުރެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓަރު ކަމާ ހަވާލުވިފަހުން، ރާއްޖެއިން ބޭރަށް ކުރާ ފުރަތަމަ ރަސްމީ ދަތުރެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިރުތިޝާމްގެ މި ދަތުރަކީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. އިންޑިއާގެ ނިއު ދިއްލީއަށް ކުރައްވާ މި ދަތުރުގައި ޖައިޝަންކަރުއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ރާއްޖެއާއި އިންޑިއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

މި ދަތުރުގައި އިރުތިޝާމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރޭޝާ ބައިވެރިވެރިވެވަޑައިގަންނަވާނެ އެވެ.