އަދަދު ނޫހުގެ ޝަހުޒާނާއި ލީވާނަށް ޖަލު ހުކުމެއް

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ޝަހުޒާނާއި ލީވާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ، އެ ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރާ ހިލާފުވީ ކަމަށް ބަލައި، ކޯޓުގެ ހުރުމަށް ކެނޑި ކަމަށް ކަނޑައަޅައިފައެވެ.

ކްރިމިނަލް ކޯޓުން ޝަހުޒާން ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ 15 ދުވަހަށެވެ. އަދި ލީވާންގެ މައްޗަށް ކޮށްފައިވަނީ ދިހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރުގައި ވަނީ އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ އަމުރުގައިވަނީ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމާއި، އެއާ ގުޅޭ ވާހަކަ އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުމާއި، ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުމަށެވެ.

ޝަހުޒާން މިއަދު ކޯޓަށް ހާޒިރުކޮށްފައިވަނީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއް ކަމަށް ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ފޮނުވި ސިޓީން ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާތީ، ކޯޓުގެ ހުރުމަތް ކެނޑިފައިވާކަން ބެލުމަށްޓަކައި އެ މައްސަލައަށް ޖަވާބުދާރީވުމަށްޓަކައެވެ.

އަދި ލީވާން ހާޒިރުކޮށްފައިވަނީ ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގެ ހަބަރު ގެނެސްދިން ގޮތުން، އެ މައްސަލައަށް ޖަވާބުދާރީވުމަށްޓަކައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވަނީ ކޯޓު އަމުރުތަކަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އިސްލާމްދީނާއި ގާނޫނުއަސާސީގެ އިންތަކުން ބޭރު ނުވެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ ބައްދަލުވުމުގައި ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ސުވާލުކުރި ”އަދަދު“ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ވަނީ އެ ބައްދަލުވުމުން ނެރެފައެވެ.

އެ މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.