ނެދަލެންޑްސްގެ ކްރޫސް ޝިޕް، އެމްވީ ހޮންޑިއަސް އިން ދަތުރުކުރި އެންމެން 42 ދުވަސް (ހަ ހަފްތާ) އަށް ކަރަންޓީން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އަންގައިފި އެވެ.
އާންމުކޮށް މީދަލުގެ ޒަރީއާއިން ފެތުރޭ މި ބައްޔަށް މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ހާއްސަ ފަރުވާއެއް ހޯދިފައި ނުވާއިރު، ”އެމްވީ ހޮންޑިއަސް“ ބޯޓުން މެއި 10 ވަނަ ދުވަހު ކެނޭރީ އައިލެންޑްސްއަށް ފޭބި ގާތްގަނޑަކަށް 150 މީހުންނަކީ ބަލިޖެހުމުގެ ބޮޑު ނުރައްކަލެއް އޮތް ބައެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ކަނޑައަޅައިފަ އެވެ.
ޑަބްލިޔުއެޗްއޯގެ އެޕިޑެމިކް އެންޑް ޕެންޑެމިކް ޑިރެކްޓަރު މާރިއާ ވަން ކަރްކޯވް ވިދާޅުވި ގޮތުގައި ގޮތުގައި އެ ބޯޓުން ދަތުރުކުރި އެންމެން 42 ދުވަހަށް ކަރަންޓީން ކުރަން އެންގީ އިންސާނުންގެ މެދުގައި ފެތުރޭ ހަމައެކަނި ހެންޓާވައިރަސް ސްޓްރެއިން ކަމަށްވާ ”އެންޑީސް ވައިރަސް“ ހަށިގަނޑުގައި އާލާވުމަށް ނަގާނެ އެންމެ ދިގު މުއްދަތު ކަމަށްވާތީ އެވެ.
ބޯޓުން ދަތުރުކުރި ފަރާތްތައް އެނބުރި ގައުމަށް ދިޔަ ނަމަވެސް، ކޮންމެ ދުވަހަކު ބަލީގެ އަލާމާތްތައް ހުރިތޯ ބަލައި، ސިއްހީ އިދާރާތަކުން އެ ފަރާތްތައް މޮނިޓާކުރުމަށް ވެސް ޑަބްލިޔުއެޗްއޯ އިން ވަނީ އަންގައިފަ އެވެ. ހާއްސަކޮށް ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އިދާރާތަކަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަލިޖެހުމުގެ ނުރައްކާ އޮތް ފަރާތްތަކުގެ ތެރޭގައި ބޯޓުގެ އެއް ކެބިންއެއްގައި އުޅުނު މީހުންނާއި ބަލިޖެހިފައިވާ މީހުންނާ ގާތް ގުޅުން ބޭއްވި މީހުންނާއި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ބަލިމީހުންނަށް ފަރުވާދިން ސިއްހީ މުވައްޒަފުންގެ އިތުރުން ބަލިމީހުންގެ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗިއްސާ ތަކެތީގައި އަތްލި ފަރާތްތައް ހިމެނެ އެވެ.
މި މައްސަލައިގައި ގައުމުތަކުން އަމަލުކުރަމުންދަނީ ތަފާތު ގޮތްގޮތަށެވެ. ޖަރުމަން، ޔޫކޭ، ސްވިޒަލޭންޑް އަދި ގްރީސް އިން 45 ދުވަހުގެ ކަރަންޓީނު މުއްދަތެއް ކަނޑައަޅާފައިވާއިރު، ފްރާންސް، އޮސްޓްރޭލިއާ އިން ވަނީ ދެ ހަފުތާއާއި ތިން ހަފުތާއާ ދެމެދުގެ މުއްދަތެއް ކަނޑައަޅައިފަ އެވެ.
ނަމަވެސް އެމެރިކާގެ ސީޑީސީން ބުނެފައިވަނީ ބޯޓުން ދަތުރުކުރި އެމެރިކާގެ 17 މީހުން މަޖުބޫރުކޮށް ކަރަންޓީނު ނުކުރާނެ ކަމަށެވެ. ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ވަނީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން ނުރައްކަލެއް އޮވެދާނެ ކަމަށް ވިދާޅުވެފަ އެވެ.








