ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް!

ފޮޓޯ: މެޓް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

އެ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު މެންދުރު 15:30 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.

މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ، ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.