ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ބަލި ޖެހިފައިވާ ދެ މީހަކު ރާއްޖެއިން މިއަދު ފެނިއްޖެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، ހިމަބިހީގެ ކޭސްތަކެއް ފެނުމާއެކު އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ”ކޭސް އިންވެސްޓިގޭޝަން“ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ބަލި ޖެހުނު ގޮތް ދެނެގަތުމާއި، ބަލިޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ނުވަތަ ”ކޮންޓެކްޓުން“ ދެނެގަތުމުގެ މަސައްކަތް ހިމެނެއެވެ.
އަދި ބަލި ފެތުރުނަ ނުދިނުމަށްޓަކައި، ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކާއި ރާއްޖެ ތެރެއިން ބަލި ފެނުނު ތިން މީހުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖޭގެ އަވަށްޓެރި ޤައުމުތަކުގައިވެސް މި ދުވަސްވަރު ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެޗްޕީއޭ އިން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ބުނެއެވެ.
ދިވެހިރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ކަނޑައަޅާފައިވާ ޤައުމެކެވެ.









