ތޯރިގު ޔޫއޭއީއަށް، އާދަމް ޝަރީފް ގަތަރު ސަފީރު ކަމަށް އައްޔަންކުރަނީ

ޠާރިޤް އިބްރާހީމާއި އާދަމް ޝަރީފް. ފޮޓޯ: ޕީއެސްއެމް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

ތޯރިގާއި އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، އެ ނަންތައް ދިރާސާކުރަން ފޮނުވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

ތޯރިގާއި އާދަމް ޝަރީފު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެވެ. ރައީސް އޮފީހުން އޭރު ބުނި ގޮތުގައި އެ ދެބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.

އެ ދެބޭފުޅުން ފަހުން ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.

ޔޫއޭއީގެ ސަފީރުގެ މަގާމު އެންމެ ފަހުން ފުރުއްވީ ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.

ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ރައީސް މުއިއްޒު އުފެއްދެވީ މިދިޔަ އަހަރުގެ ޖޫން 29 ގަ އެވެ. ނަމަެވސް މިހާތަނަށް އެ ގައުމަށް ރާއްޖެ އިން ސަފީރަކު އަދި ކަނޑައަޅާފައި ނުވާތީ، އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އައްުޔަން ކުރުމާ އެކު، އޭނާ ވާނީ އެ ގައުމަށް ރާއްޖެ އިން ކަނޑައަޅާ ފުރަތަމަ ސަފީރަށެވެ.