އަދީބަށް މައާފު ދިނަސް، ގެއްލުނު ފައިސާ ހޯދެން އޮންނާނެ: ސޯލިހު

ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު, ޔާމީން އަދި ސޯލިހު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ: އެމްޑީޕީ

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މައާފު ދިން ނަމަވެސް، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގެ ފުރުސަތު މިހާރުގެ ސަރުކާރަށް އެބައޮތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމު ހަމަމަގަށް އެޅުވުމުގެ ނަމުގައި ރައީސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލިހު ވިދާޅުވީ އަދީބަށް ލުއި ދިނުމުގައި އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެ ނިންމުން ނިންމީ އަދީބު ހުކުމުގެ ބޮޑު ބައެއް ތަންފީޒުކޮށްފައިވާ މިންވަރަށާއި ކަރެކްޝަންސްގެ ލަފަޔަށް ބެލުމަށްފަހު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ އަދީބަށް ލުއި ދިނީ ހަމައެކަނި ޖިނާއީ ކުށުގެ އަދަބަށް ކަމަށާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަދަނީ މައްސަލަތައް އަދިވެސް ކުރިއަށް ގެންދެވޭ ގޮތަށް އޮތް ކަމަށެވެ. އެ މައްސަލަތައް ހުރީ ތަހުގީގު ނިމި ޝަރީއަތަށް ފޮނުވޭ ހިސާބުގައި ކަމަށް ވެސް ވިދާޅުވިއެވެ.

”އެ ފައިސާ ހޯދުމުގެ މައްސަލަ މި ސަރުކާރަށްވެސް ކުރިއަށް ގެންދެވޭނެ. ނަމަވެސް އެކަން ނުކުރަނީ ކީއްވެތޯ ސުވާލު އުފެދޭ،“ ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތަކީ އެއްވެސް އިރެއްގައި ހުއްޓިފައި އޮންނަންޖެހޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަމަކީ ވެސް ރައްޔިތުން އެންމެ އެދޭ ގޮތަށް ފުރިހަމައަށް ކުރެވުނު ވެރިކަމަކަށް ނުވެދާނެ ކަމަށާއި، ބައެއް ކަންކަމުގައި ސުވާލު އުފެދޭ ކަންތައްތައް ހުރެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސޯލިހު ވިދާޅުވިއެވެ.