އައިއެސްއައިއެލްގެ ދެވަނައަށް އެންމެ އިސް ލީޑަރު މަރާލާފައިވާ ކަމަށް ޓްރަމްޕް ބުނެފި

ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: އަލް ޖަޒީރާ

އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވަންޓް (އައިއެސްއައިއެލް) ހަނގުރާމަ ޖަމާއަތުގެ ދެވަނައަށް އެންމެ އިސް ލީޑަރު، އަބޫ ބިލާލް އަލްމިނޫކީ މަރާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.

”ޓްރުތް ސޯޝަލް“ ގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، އެމެރިކާގެ ހިތްވަރުގަދަ ސިފައިންނާއި ނައިޖީރިއާގެ ހަތިޔާރު އެޅި ފައުޖުތަކުން ގުޅިގެން، ދުނިޔޭގައި އެންމެ ހަރަކާތްތެރިކޮށް އުޅޭ ޓެރަރިސްޓުން ނައްތާލުމަށްޓަކައި ވަރަށް ފުރިހަމަ މިޝަނެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

”އަލްމިނޫކީ ހީކުރީ އޭނާއަށް އެފްރިކާގެ ތެރޭގައި ފިލައިގެން އުޅެވިދާނެ ކަމަށް. ނަމަވެސް އޭނާ ކުރާ ހުރިހާ ކަމެއްގެ މައުލޫމާތު އަހަރެމެންނަށް ދެމުންދިޔަ ސިއްރު މަސްދަރުތައް ތިބި ކަމެއް އޭނާއަކަށް ނޭނގޭ،“ ޓްރަމްޕް ބުނެފައިވެ އެވެ.

ނަމަވެސް އޮޕަރޭޝަނާ ބެހޭ އިތުރު ތަފުސީލެއް ޓްރަމްޕް ހާމައެއް ނުކުރެ އެވެ.

އަލްމިނޫކީއަކީ އައިއެސްއައިއެލް ޖަމާއަތާ އޮންނަ ގުޅުމުގެ ސަބަބުން 2023 ވަނަ އަހަރުން ފެށިގެން އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހެކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އޭނާއަކީ ”ބައިނަލްއަގުވާމީ ޓެރަރިސްޓެއް“ ގެ ގޮތުގައި ކަނޑައަޅައި ބުނެފައިވަނީ، އޭނާއަކީ އެފްރިކާގެ ސާހިލް ސަރަހައްދަށް ކަނޑައަޅާފައި ހުންނަ އައިއެސްއައިއެލް އިސް ލީޑަރެއް ކަމަށެވެ. އަދި އޭނާއަކީ ދުނިޔޭގެ އެކި ކޮޅުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް ފަންޑާއި އިރުޝާދު ދޭ އައިއެސްގެ އިދާރީ މަޖިލީހުގެ މުހިންމު މެންބަރެއް ކަމަށްވެސް އެމެރިކާ އިން ބުނެ އެވެ.