ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށްދިޔަ އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކު މީގެ އިރުކޮޅެއް ކުރިން ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ނިޔާވެފައިވަނީ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އެވެ. އޭނާ ނިޔާވީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މިއަދު ޑައިވް ކުރަނިކޮށް ހާލުދެރަވެގެން އޭޑީކޭ އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މަހުދީ ވަނީ އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މެންދުރުފަހު އެ ސަރަހައްދަށް ވަޑައިގަތުމުން ދެއްވި ބްރީފިންގައި ވެސް ބައިވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ފަސް މީހުންނެވެ. އެއީ ހަތަރު ޓޫރިސްޓުންނާއި އެ ސަފާރީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.









