މާލެ ހިޔާ-2 ގެ ފްލެޓެއްގެ ބެލްކަނިން ތިރިއަށް ވައްޓާލި ކުނި ކޮތަޅަކުން ޖެހި، އެ ސަރަހައްދު ސާފުކުރަން އުޅުނު މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާލެ ހިޔާ-2 ގެ ކުނި އަޅާ ސަރަހައްދުން ކައުންސިލްގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ވަގުތު އެ އިމާރާތުގެ ފްލެޓެއްގެ ބަދިގެއާ ވީ ފަރާތު ބެލްކަނިން، ހަޑިވެފައި ހުރި ކާ އެއްޗިއްސާއި އެކި ބާވަތްތަކުގެ ކުނި އަޅާފައި ހުރި ބޮޑު ކޮތަޅެއް ތިރިއަށް ވައްޓާލާފައިވެއެވެ.
މި ކޮތަޅު ސީދާ ގޮސް ޖެހުނީ އެ ސަރަހައްދުގައި މަސައްކަތް ކުރަން ހުރި މުވައްޒަފެއްގެ ބޮލުގައެވެ. މި ހާދިސާގައި އެ މުވައްޒަފުގެ ބޯ ދުޅަވެ، އެކި ވަރުގެ އަނިޔާތައް ވަނީ ވެފައެވެ.
މާލެ ހިޔާ ފްލެޓްތަކުން އުފެދޭ ކުނި، މާލެ ސިޓީ ކައުންސިލުން ގަވާއިދުން ނަގަމުން ދަނިކޮށް، މިފަދަ ނާތަހުޒީބު އަދި ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ވަނީ މިފަދަ ވިޔާނުދާ އަމަލުތައް މުޖުތަމައުގެ ތެރޭގައި ތަކުރާރު ނުކުރުމަށާއި، ކުނި އުކާލުމުގައި އެންމެންގެ ސަލާމަތަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައެވެ.









