ގެއްލިގެން އެ ދިޔައީ އެންމެ ގާބިލު އެއް ޑައިވަރު، ނުރައްކާތެރި އެތައް ހާދިސާއެއްގައި ފީނި ހިތްވަރުގަދަ ސޯލްޖަރެއް

ގެއްލިގެން އެ ދިޔައީ އެންމެ ގާބިލު އެއް ޑައިވަރު ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވާވު އަތޮޅު އަލިމަތާ ކައިރިއަށް ފީނަން އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމަށް ހިންގި ނުރައްކާތެރި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ މިއަދު ވަނީ ނިޔާވެފައެވެ.

ޢުމުރުން 44 އަހަރުގެ މަހުދީ ނިޔާވީ ކަނޑުގެ ފުން ސަރަހައްދަކަށް ޑައިވްކުރަމުން ދަނިކޮށް ކުއްލިއަކަށް ”ޑީކޯ“ ވެގެން، ހާލު ވަރަށް ބޮޑަށް ސީރިއަސްވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

2005 ވަނަ އަހަރު މަހުދީއާއެކު ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރެއްވި ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވި ގޮތުގައި، މަހުދީއަކީ އެ ދާއިރާއިން ރާއްޖޭގައި ހުރި އެންމެ ފަންނީ އަދި އެންމެ މޮޅު އެއް ޑައިވަރު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސިފައިންގެ ޚިދުމަތުގައި އޭނާ ވަނީ ނުރައްކާތެރި އަދި ގޮންޖެހުން ބޮޑު އެތައް ހާސް ޑައިވެއް ކޮށްފައި ކަމަށާއި އޭގެ ތެރޭގައި މީގެ ކުރިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަނޑުގެ 70 މީޓަރު ފުނަށް ފީނުންވެސް ހިމެނޭ ކަމަށެވެ.

މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ ޑައިވަރުން ކުރިމަތިލަނީ ގިނަ ބަޔަކަށް ތަސައްވަރުވެސް ނުކުރެވޭނެ ފަދަ ނުރައްކާތަކާ ކަމަށާއި، އެމީހުންގެ އަސްލު މަސައްކަތް ފެށެނީ ހާލަތްތައް ގޯސްވެ، ނުރައްކާ އެންމެ ބޮޑުވާ ހިނދު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި އެއީ އެހެން މީހުން ސަލާމަތްކުރުމަށްޓަކައި، އެއްވެސް ފަސްޖެހުމެއް ނެތި ގައުމީ ވާޖިބު އިސްކޮށް، އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން މަސައްކަތްކުރާ ބައެއް ކަމަށްވެސް ވިދާޅުވިއެވެ. މަހުދީއަކީ އަބަދުވެސް މީހުންނާ ގުޅޭ، އެކުވެރި އަދި ކޮންމެ މީހަކަށްވެސް އެހީތެރިވުމަށް ތައްޔާރަށް ހުންނަ މާތް އަޚްލާޤެއްގެ ވެރިއެއްގެ ގޮތުގައި އޭނާ ދަންނަ އެންމެން ފާހަގަކުރެއެވެ.