ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑިން ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި، 952،358 ހިއްސާ ތަމުސީލުކުރާ 253 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓުގެ ވޯޓުންނެވެ.
މިއީ އެސްޓީއޯގެ ފަހުގެ ތާރީހެއްގައި ބަހާ އެންމެ ބޮޑު ހިއްސާގެ ފައިދާ އެވެ. އަދި މިއީ އެ ކުންފުނިން މިދިޔަ އަހަރު ބެހި 80 ރުފިޔާއަށްވުރެ 5 ރުފިޔާ އިތުރު އަދަދެކެވެ
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބުނުއިރު އޭގެ ތެރެއިން އެސްޓީއޯއަށް އެކަނި އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބުނެވެ.









