މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުން ހުވާކުރައްވައި، އަންހެނުންގެ ތަރައްގީއަށް މަސައްއްކަތްކުރާ ކޮމިޓީ (އތމކ)ތަކަށް އިންތިހާބުވި މެންބަރުން މިއަދު އިގުރާރުގައި ސޮއިކުރައްވައިފި އެވެ.
މާލޭގައި އެ ރަސްމިއްޔާތު ބޭއްވީ ސޯޝަލް ސެންޓަރުގެ ހޯލުގައެވެ. މާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި އތމކ.ގެ އާ މެމްބަރުން އިގުރާރުގައި ސޮއިކުރެއްވުން އޮތެވެ.
މާލޭގެ މޭޔަރަކަށް ދެވަނަ ދައުރަކަށް އިންތިހާބުކުރި އާދަމް އާޒިމާއި ކައުންސިލަށް އަލަށް އިންތިހާބުވި 17 ކައުންސިލަރުންނަށް ވެސް މަގާމުގެ ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަނީޒް އަބްދުﷲ އެވެ.
ފަސް ވަނަ ދައުރަށް ރާއްޖޭގެ ސިޓީތަކާއި ރަށު ކައުންސިލްތަކަށް ޖުމުލަ 678 ކައުންސިލުން އިންތިހާބު ކުރަންޖެހޭއިރު، އޭގެ ތެރެއިން 677 ކައުންސިލަރުން ވަނީ އިންތިހާބުކޮށްފަ އެވެ. ނަމަވެސް މިއަދު ހުވާކޮށްފައިވަނީ 676 ކައުންސިލަރުންނެވެ.
މި ދައުރަށް އތމކ ތަކަށް އިންތިހާބު ކުރަން ޖެހެނީވެސް 678 މެންބަރުންނެވެ. އޭގެ ތެރެއިން 673 އތމކ މެންބަރުން އިންތިހާބުކޮށްފައިވާއިރު، މިއަދު އިގުރާރުގައި ސޮއިކޮށްފައިވަނީ 662 މެންބަރުންނެވެ.









