އަހަރެމެންގެ ދަރިފުޅު ނުރައްކަލަށް ވެއްޓިދާނެ އެއްވެސް ކަމެއް އަންހެނުން ނުކުރާނެ ކަމަށް ވ. އަތޮޅަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުންގެ ތެރޭގައި ހިމެނޭ މޮނިކާ މޮންޓެފަލްކޯންގެ ފިރިމީހާ ބުނެފި އެވެ.
މި ހާދިސާގައި ގެއްލިފައިވާ އުމުރުން 51 އަހަރުގެ މޮނިކާއަކީ އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ ތިމާވެށީގެ ސައިންސްވެރިއެއް އަދި ޕްރޮފެސަރެކެވެ. އޭނާ އާއެކު ގެއްލިފައިވާ އަނެއް ހަތަރު މީހުންގެ ތެރޭގައި އޭނާގެ 22 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްވެސް ހިމެނެ އެވެ.
މޮނިކާގެ ފިރިމީހާ އަދި ޖޯޖިއާގެ ބައްޕަ، ކާލޯ ސޮމަކާލް އިޓަލީގެ ”ލާ ރިޕަބްލިކާ“ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ އަންހެނުންނަކީ ދުނިޔޭގައިވެސް ހުރި އެންމެ މޮޅު އެއް ސްކޫބާ ޑައިވަރު ކަމަށެވެ. އަދި އަމިއްލަ ދަރިފުޅުގެ ނުވަތަ އެހެން މީހެއްގެ ފުރާނަ ނުރައްކަލަށް ވެއްޓިދާނެ ފަދަ އެއްވެސް ކަމެއް ނުވަތަ ފަރުވާކުޑަކަމެއް އޭނާގެ އަންހެނުން ނުކުރާނެކަމުގެ ޔަގީންކަން ެބަ އޮތް ކަމަޥެސް އޭނާ ބުނެފައިވެ އެވެ.
”ފަހަރުގައި އެމީހުންގެ ތެރެއިން އެކަކަށް ކަނޑުއަޑީގައި މައްސަލައެއް ދިމާވީ ކަމަށްވެސް ވެދާނެ. ނޫނީ އޮކްސިޖަން ފުޅިއަށް މައްސަލައެއް ދިމާވީ ކަމަށްވެސް ވެދާނެ. ވާނުވާއެއް އަހަންނަކަށް ނޭނގޭ.“
މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަން ފީނި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރެއް ކަމަށްވާ، ސާޖަންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ. އޭނާ ނިޔާވުމާއި ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ވަނީ ހުއްޓާލާފައިވާއިރު ގެއްލުނު ޑައިވަރުން ހޯދަން ރެސްކިއު އޮޕަރޭޝަނާއި ގުޅުމަށް ފިންލޭންޑްގެ ތަޖުރިބާކާރުންގެ ޓީމެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.









