”އަދަދު“ ނޫހުން ތައްޔާރުކުރި ”އައިޝާ“ ޑޮކިއުމެންޓްރީއާ ބެހޭ ވާހަކަދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރުނު ގެގް އަމުރު ބާތިލުކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
އެމްޖޭއޭ އިން ބުނީ ކުރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ކޮން މާއްދާއެއްގެ ދަށުން ކަން އެނގެން ނެތް ކަމަށެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި އެ އަމުރަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އަދި 56 ވަނަ މާއްދާއާ ހިލާފު އަމުރެކެވެ. އަދި ސުޕްރީމް ކޯޓުގެ އަހުމަދު އިސްމާއިލް ވ. ލަތީފާ އަލީ ހަސަން ގަޒިއްޔާއާ ވެސް ހިލާފު ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މީގެ އިތުރުން އެ އަމުރަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ނެރެފައިވާ އަމުރެއް ކަމަށާއި، އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަދައްކާ ރައްޔިތުން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބެލެވޭނެ ކަމަށް އަމުރުގައި ބުނެފައިވާ ކަމަށާއި، ނަމަވެސް އެއީ ގާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް އެމްޖޭއޭ އިން ބުންޏެވެ. އެ ޖަމިއްޔާއިން ބުނީ އެފަދަ ފުޅާ ދާއިރާއެއްގައި އަސާސީ ހައްގުތައް ހަނިކުރެވޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނެއް ނެތް ކަމަށާއި، ކުރިމިނަލް ކޯޓުގެ އަމުރަކީ ޕްރޮސިކިއުޓާ ޖެނެރަލް ވެސް ގަބޫލުކުރައްވާ އަމުރެއް ނޫން ކަމަށެވެ.
މި މައްސަލަ ބަލައިނުގަތުމަށް ނިންމެވި ނިންމެވުމުގައި ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ވިދާޅުވީ، ޖިނާއީ މައްސަލައެއްގައި ކޯޓުން ނެރޭ އަމުރުތައް އިސްތިއުނާފު ކުރުމުގެ ހައްގު ލިބެނީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ރަޖިސްޓްރާ ވިދާޅުވީ ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުސެއިން ފިޔާޒު މޫސާ އާއި ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ކުރުމުން ނެރެފައިވާ އަމުރެއް ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ ފަރާތެއް ކަމުގައި އެމްޖޭއޭ ނުވާތީ، އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު އެ ޖަމިއްޔާއަށް ނުލިބޭ ކަމަށް ރަޖިސްޓްރާ ނިންމެވިއެވެ.








