ގަވާއިދާ ހިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ތާވަލުގައިވާ ގޮތުން ޝަރީއަތުގެ އަޑުއެހުން ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ. ދައުވާ ލިބޭ 10 މީހުންގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެއެވެ. އެ ދެ ވިޔަފާރިވެރިންގެ މައްޗަށް ތުހުމަތުކުރަނީ ވައްކަމަށް ފަންޑުކުރި ކަމަށާއި ކުށް ކުރުމަށް ރޭވި ކަމަށެވެ.
މިދިޔަ އަހަރުގެ އެޕްރީލް 26 ގައި ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގި މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރު ނުވައެއްގައެވެ. އެ މައްސަލައިގައި އާއްޓޭ އާއި ދިގަލި ހައްޔަރުކުރީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް، ޑިސެމްބަރު 11 ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެ ދެ މީހުން ޝަރުތުކޮށް ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ޕީޖީ އޮފީހުން ބުނީ އެ ދެ މީހުން ޝަރުތުކޮށް ދޫކޮށްލަން ނިންމީ، ތުހުމަތުކުރެވެނީ ކުށް ރޭވުމަށް ކަމަށް ވާއިރު ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. މި މައްސަލައިގައި ދައުވާ ލިބޭ 10 މީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.









