ކޮންމެ އަތޮޅަކަށް އަތޮޅު އޮފީހެއް ގާއިމުކުރަނީ 

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަތޮޅު ކައުންސިލަކާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އަތޮޅު ކައުންސިލްތަކުގެ ދައުރު މިއަދަށް ހަމަވެ، އެ ކައުންސިލްތައް ރަސްމީކޮށް އުވާލައި، ކޮންމެ އަތޮޅަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީހެއް ހަދަން ނިންމައިފިއެވެ.

އެ ބަދަލާއެކު އަތޮޅުތަކުގައި ކުރިން ހިނގަމުން އައި އަތޮޅު ކައުންސިލްތަކުގެ އިދާރީ މަސައްކަތްތަކަށް ބަދަލުތަކެއް އަންނާނެއެވެ. އެ ބަދަލާ ގުޅިގެން، އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި މެދުކެނޑުމެއްނެތި ދިނުމަށްޓަކައި، ކޮންމެ އަތޮޅެއްގައި ހާއްސަ އޮފީސްތަކެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ރައީސް އޮފީހުގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އާއިޝަތު އިކުރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީއެއްގައި މިކަން ހާމަކޮށްފައިވެއެވެ. އެ ސިޓީގައިވާ ގޮތުން، މި އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާތަކެއްގެ ގޮތުގައި ގާއިމުކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ”ލޯކަލް ގަވަމަންޓް އޮތޯރިޓީ – (އަތޮޅު) އޮފީސް“ ގެ ނަން ބޭނުންކުރުމަށް ރައީސް ވަނީ ލަފާދެއްވައިފައެވެ. މިސާލެއްގެ ގޮތުން ”ލޯކަލް ގަވަމަންޓް އޮތޯރިޓީ – ބ. އަތޮޅު އޮފީސް“ ފަދައިން ނަންތައް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅު ކައުންސިލްތައް އުވުމާ ގުޅިގެން އެތަންތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިރުޝާދުތަކެއް ދެއްވާފައިވެއެވެ. އެގޮތުން، މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ހަމަޖެއްސުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި މިހާރު ލިބެމުންދާ މުސާރައާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ އަންގަވައިފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ.