ވ. އަތޮޅުގެ މަޝްހޫރު ”މިޔަރު ޑައިވް“ ސައިޓުގެ ހޮހަޅައަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންނާއި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި އެ މީހުންގެ ހަށިގަނޑުތައް ފެނުނީ އެ މީހުން ޑައިވް ކުރި ހޮހަޅަ ތެރެއިން ކަމަށެވެ.
އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެ މީހުންގެ ހަށިގަނޑުތައް ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށްވެސް ބުންޏެވެ.
އެ ހަތަރު ޑައިވަރުންނާއި ހަމަ އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރަކު ގެއްލުނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ހަމަ އެ ދުވަހު ކަނޑުއަޑިން ވަނީ ފެނިފަ އެވެ. އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ހޮހޮޅައިގެ ތެރެއިންނެވެ.
ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިޔާވެފަ އެވެ. އެކަމާއި ގުޅިގެން އޮޕަރޭޝަން މެދުކަނޑާލައިފައި އޮތުމަށްފަހު ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރުންގެ ޓީމާއެކު މިއަދު ވަނީ އެ އޮޕަރޭޝަން އަލުން ފަށައިފަ އެވެ.
ރާއްޖެ އައި ތަޖުރިބާކާރުންގެ ޓީމުގައި ހިމެނެނީ، ޑައިވަރުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ބަލަހައްޓާ އެމެރިކާގެ އަމިއްލަ ބޮޑު ޖަމިއްޔާއެއް ކަމަށްވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން)ގެ ފިންލެންޑުގެ ތިން ޑައިވަރުންނެވެ. އެ މީހުންގެ ޓީމާ ރާއްޖެއިންވެސް އިތުރު ޑައިވަރަކު ވަނީ ގުޅިފަ އެވެ. ހޮހަޅައަށް ފީނުމުގައި ތަޖުރިބާ ހުރި އެ މީހުން ރާއްޖެ އައީ ޓެކްނިކަލް އިކުއިޕްމަންޓާ އެކުގަ އެވެ.









