ކަނޑުމަގުން އެތެރެކުރަން އުޅުނު 2.3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2,304,200 (2.3 މިލިއަން) ސިނގިރޭޓު ސްޓިކްސް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 14 ވީ ބުރާސްފަތި ދުވަހު މާލޭ ވިޔަފާރި ބަނދަރުންނެވެ. މި ސިނގިރޭޓުތައް ފެނިފައިވަނީ ރާއްޖެއަށް އެތެރެކުރި މުދާ ހުރި ކޮންޓޭނަރެއްގެ ތެރެއިން، ކަސްޓަމްސްއަށް އޮޅުވާލައިގެން ސިއްރުން ފޮރުވާފައި ހުއްޓައެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށާއި ޒުވާނުންނާއި ކުޑަކުދިން ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، ގަވާއިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

އެގޮތުން ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައެއް ވެސް ހިމެނެއެވެ. އެ މައްސަލައިގައި ދިހަ މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް މިއަދު ވަނީ ފަށައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއެކު، 15 ނޮވެމްބަރު 2024 އިން ފެށިގެން ވޭޕް ކުރަން ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި 15 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުންވެސް ވަނީ މުޅިން މަނާކޮށްފައެވެ.

އޭގެ އިތުރުން 1 ނޮވެމްބަރު 2024 އިން ފެށިގެން ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އަދި އެ ތަކެތިން ނަގާ އެޑްވަލޮރެމް ރޭޓް 50 އިންސައްތައަށް ވަނީ މަތިކޮށްފައެވެ.