ރައީސް އޮފީހުގައި ހިނގާ ހުރިހާ ކަމެއް ބަރާބަރަށް ރައްޔިތުންނާ ހިސާބަށް ހާމަކުރެވެން ޖެހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2023 ވަނަ އަހަރު ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކުރީ އޭރަށްވުރެ ރަނގަޅު ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
އޭގެ ފަހުން 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ސަރުކާރަށް ދިނީ ވައުދުތައް ފުއްދުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ނަމަވެސް ދެ އަހަރާ ބައި ފާއިތުވީ އިރު ވީ ވައުދުތައް ނުފުއްދައި، ވެރިކަން ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަސާސީ ހައްގުތައް މުޅިން ގެއްލި ހިނގައްޖެ، މިނިވަން ނޫސްވެރިކަމެއް ކުރާނެ ޖާގައެއް ނެތް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް، އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތް، މަޖިލީހުގެ ބާރު ކަނޑުވާލައިފި. މިކަމާ އިދިކޮޅަށް ބަސްބުނާ ކޮންމެ މީހަކު ވަނީ ޖަލަށް ލާފައި“ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރެންޑަމުން ރައްޔިތުން މި ސަރުކާރާ ދޭތެރޭ ގޮތް ނިންމާފައިވާ ކަމަށާއި، މިއީ ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައި އޮތް ސަރުކާރެއް ކަމަށެވެ. ރައީސް އޮފީހުގައި ހިނގާ ކަންކަމުގެ ހަބަރު ލިޔުން ކުށަކަށް ހަދާފައިވާ ކަމަށް ފާހަގަކުރައްވައި، އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގައި ހިނގި ހުރިހާ ކަމެއް ހާމަކޮށްފައި ވާނެ ކަމަށާއި، ނޫސްވެރިންނާ އެކުގައި ތިއްބެވި ކަމަށް ވިދާޅުވިއެވެ.









