އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 22 އަހަރަށްފަހު ފުރަތަމަ ފަހަރަށް އާސެނަލުން ކަށަވަރުކޮށް، ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ.
އާސެނަލަށް ލީގުގެ ޗެމްޕިއަންކަން ކަށަވަރުވީ، ލީގުގައި އެ ޓީމާ އެންމެ ގާތުން ވާދަކުރަމުންދިޔަ މެންޗެސްޓާ ސިޓީން ބޯންމައުތާ ބައްދަލުކުރި މެޗު 1-1 އިން މިރޭ އެއްވަރުވުމާ ގުޅިގެންނެވެ. އޭގެ ކުރިން އާސެނަލުން ވަނީ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ބޮޑު ލީޑެއް ނަގައިފައެވެ. މިއީ 2003-2004 ވަނަ އަހަރުގެ ސީޒަނުގައި އާސެން ވެންގާގެ އިރުޝާދުގެ ދަށުން އެއްވެސް މެޗަކުން ބަލިނުވެ ލީގު ހޯދި ފަހުން، އެ ކްލަބުން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މިއީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. 2019 ވަނަ އަހަރު ޓީމާ ހަވާލުވުމަށްފަހު، އާޓެޓާ ވަނީ ޒުވާން ކުޅުންތެރިންނާއެކު ވަރުގަދަ ޓީމެއް ބިނާކޮށްފައެވެ. ފާއިތުވި ތިން ސީޒަނުގައި ވެސް ލީގުގެ ދެވަނަ މަގާމުން ފުއްދާލަން ޖެހުނު ނަމަވެސް، މި ސީޒަނުގައި އާސެނަލުން ވަނީ މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފަހުކޮޅު ވިދިވިދިގެން މޮޅުވެފައެވެ. މި ކާމިޔާބީއާއެކު އާޓެޓާ ވެފައިވަނީ އާސެނަލަށް ލީގު ހޯދައިދިން މަދު ކޯޗުންގެ ތެރެއިން އެކަކަށެވެ.
ލީގުގެ ޗެމްޕިއަންކަން ކަށަވަރުވުމާއެކު، އާސެނަލްގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ މަގުތަކަށް ނުކުމެ އުފާފާޅުކޮށްފައެވެ. ލީގުގެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުމަށްފަހު، އާސެނަލަށް ރަސްމީކޮށް ލީގު ޓްރޮފީ ހަވާލުކުރާނެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފުރުސަތު ވެސް އާސެނަލަށް އެބައޮތެވެ. މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 9:00 ގައި ކުޅޭ އެ މެޗުގައި އާސެނަލުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.









