ހުއްދަ ނެތި ޓީވީ ސްޓޭޝަނެއް ހިންގި މައްސަލައެއްގައި ލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރީ ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގެ ތެރޭގައި، ގަވާއިދާ ހިލާފަށް ޓީވީ އަދި ރޭޑިއޯ ޗެނަލްތައް ބްރޯޑްކާސްޓްކުރާ މަރުކަޒެއް ހިންގަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއާއި އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ ގުޅިގެން ހިންގި ރެއިޑެއްގައެވެ.
ދިވެހި މީހާ އާއެކު އިތުރު މީހަކުވެސް ހައްޔަރުކުރި އެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް އަދި ފޮޓޯއެއް ހާމަކޮށްފައެއް ނުވެ އެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެ މަސައްކަތް ސިއްރުން ހިންގަމުން އައީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައެވެ. އަދި މި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 50 މިލިއަން ލަންކާ ރުޕީސްގެ އަގުހުރި މުވާސަލާތީ ސާމާނު އަތުލައިގަނެފައިވާ ކަމަށާއި އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި ސެޓެލައިޓް ޑިޝްތަކާއި ކޮމްޕިއުޓަރުތަކާއި ސްޓާލިންކް ޔުނިޓެއްގެ އިތުރުން ގިނަ އަދަދެއްގެ ޓްރާންސްމިޝަން ޑިވައިސްތައް ހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.
ލަންކާ ފުލުހުން ބުނީ މި ނެޓްވޯކްގެ ފުޅާ މިނާއި، މާލީ މުއާމަލާތްތައް ހިނގާފައިވާ ގޮތުގެ އިތުރުން، މިކަމުގައި އިތުރު ބަޔަކު ބައިވެރިވާތޯ ބެލުމަށް ހާއްސަ ތަހުގީގެއް މިހާރު ކުރިއަށްދާ ކަމަށެވެ.









