އިސްރާއީލުން ހައްޔަރުކުރި ފްލޯޓިލާގެ 87 މީހަކު ބަނޑުހައިހޫނުކަމުގެ އިހުތިޖާޖެއް ފަށައިފި

އިސްރާއީލުން ހައްޔަރުކުރި ފްލޯޓިލާގެ 87 މީހަކު ބަނޑުހައިހޫނުކަމުގެ އިހުތިޖާޖެއް ފަށައިފިއެވެ.

މި ހަރަކާތް ރޭވި ”ގްލޯބަލް ސުމޫދު ފްލޯޓިލާ“ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މީހުން ނުކައި ތިބެ ހިތްހަމަނުޖެހުން ފާޅުކުރަމުންދަނީ އެ މީހުން ގަވާއިދާ ހިލާފަށް ރަހީނުކުރުމާ ދެކޮޅަށް ކަމަށެވެ. އޭގެ އިތުރުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 9،500 އަށްވުރެ ގިނަ ފަލަސްތީނުގެ އަސީރުންނަށް ތާއީދުކޮށް، އެމީހުންނާ ބައިވެރިވުން ހާމަކުރުމުގެ ގޮތުން ކަމަށެވެ.

އިސްރާއީލް ސިފައިން ރޭ ވަނީ މި ފްލޯޓިލާގައި ހިމެނޭ އެންމެ ފަހު އުޅަނދު ކަމަށްވާ ”ލީނާ އަލް-ނާބުލްސީ“ ބޯޓުގައި ތިބި ހަ މީހަކުވެސް ފޭރިގެންފައެވެ.

މި ބޯޓަކީ އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަގުސަދުގައި، މިދިޔަ ހަފުތާގައި ތުރުކީގެ ބަނދަރު ރަށެއް ކަމަށްވާ މަރުމާރިސްއިން ފުރި 50 އަށްވުރެ ގިނަ އުޅަނދުފަހަރުގެ ތެރެއިން އެންމެ ފަހުން ބާކީ އޮތް އުޅަނދެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ފްލޯޓިލާގެ ބައިވެރިން އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަން ކަށަވަރުކޮށްދީފައެވެ. އެ މިނިސްޓްރީގެ ތަރުޖަމާނު ބުނީ 430 އެކްޓިވިސްޓުން އިސްރާއީލުގެ އުޅަނދުފަހަރަށް ބަދަލުކޮށް، އިސްރާއީލަށް ގެންދިއުމުގެ މަގުމަތީގައިވާ ކަމަށާއި، އެމީހުންނަށް ކޮންސިއުލާ މަންދޫބުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އޭނާ ވަނީ މި އިންސާނީ ހަރަކާތަކީ ހަމައެކަނި ”ޕީއާރް ސްޓަންޓެއް“ ގެ ގޮތުގައި ސިފަކޮށްފައެވެ.

ނަމަވެސް ފްލޯޓިލާގެ ފަރާތްތަކުން ބުނާގޮތުގައި، ހޯމަ ދުވަހު ސައިޕްރަސްގެ އައްސޭރިފަށުން ބޭރުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ބޯޓުތަކަށް އަރައިގަނެ، ރަބަރު ވަޒަން ޖަހައި، މީހުން ރަހީނުކުރަން ފެށީ ހާލަތާ ނުބައްދަލު އަނިޔާވެރި ބާރުގެ ބޭނުންކޮށްގެންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އިންޑޮނޭޝިއާގެ ނުވަ ރައްޔިތަކާއި، އަޔަލޭންޑްގެ ރައީސް ކެތުރިން ކޮނޮލީގެ ކޮއްކޮ، ޑރ. މާގްރެޓް ކޮނޮލީ ހިމެނޭހެން އަޔަލޭންޑްގެ 15 ރައްޔިތަކު ހިމެނެއެވެ.

ދިވެހިރާއްޖޭގެ އިތުރުން ތުރުކީ، ސްޕެއިން، އުރުދުން، ޕާކިސްތާން، ބަންގްލަދޭޝް، ބްރެޒިލް، އިންޑޮނޭޝިޔާ، ކޮލަމްބިއާ، އަދި ލީބިޔާ ފަދަ ގައުމުތަކުން ވަނީ އިސްރާއީލުގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ”ލަދުކުޑަ ޖަރީމާއެއް“ ކަމަށް ބުނެ ކުށްވެރިކޮށްފައެވެ. އިންޑޮނޭޝިޔާއިން ވަނީ ހުރިހާ އުޅަނދުތަކެއް ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ހުރިހާ ޑިޕްލޮމެޓިކް ވަސީލަތްތަކެއް ބޭނުންކުރަމުންދާ ކަމަށް ބުނެފައެވެ.