މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީވާން 10 މިނެޓުގެ ފުރުސަތެއް ދޭން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ނާޒިމް ވަކިކުރުމަށް އޭނާގެ އަމިއްލަ ޕާޓީ ޕީއެންސީން ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ޖަވާބުދާރީވާން 10 މިނެޓް ދޭން ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ހުށަހެޅުމުގައިވާ ގޮތުން މުޅި މައްސަލަ ޖުމްލަ އެއް ގަޑިއިރަށް ކުރިއަށް ގެންދާނީ ނާޒިމަށް 10 މިނެޓު ދިނުމަށް ފަހު ކޮންމެ މެންބަރަކަށް ތިން މިނެޓުގެ ފުރުސަތެއް ދީގެންނެވެ. ހުށަހެޅުން ފާސްވީ 11 މެންބަރުންގެ ކޮމިޓީގައި ހާޒިރުވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ ވޯޓުންނެވެ.
ޖަވާބުދާރީވާން ދޭ ވަގުތު މަދު ކަމަށް ވިދާޅުވެ، ބަހުސްގެ ކުރިން 10 މިނެޓާއި ބަހުސް ތެރެއިން އިތުރު 10 މިނެޓުގެ ފުރުސަތެއް ނާޒިމަށް ދޭން އެމްޑީޕީގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން ވޯޓަކަށް ނާހައެވެ. އިންތިހާބު ކުރާއިރު ސިއްރު ވޯޓު ނަގައިފައި ވަކިކުރާއިރު ސިއްރު ވޯޓު ނުނެގޭ މައްސަލައިގައި ޝާކިރު ސުވާލު އުފެއްދެވުމުން، ކޮމިޓީ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ވަކިކުރުން އޮންނަނީ ހާމަކަން ބޮޑުކޮށް ކަމަށާއި އެ ނޫން ގޮތަކަށް ބަދަލުކުރުމަކީ މެންބަރުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ.
ނާޒިމް ވަކިކުރުމަށް ޕީއެންސީގެ 73 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕީއެންސީން ހުށަހެޅި ގަރާރުގައި ނާޒިމް ވަކިކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވުމާއި، މެންބަރުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގައި އިހުމާލުވުމާއި، މެންބަރުންގެ ވާޖިބު އަދާކުރުމަށް ހުރަހަކަށް ވެފައިވާ ކަމަށެވެ.







