މި އަހަރުގެ އޭޕްރިލް މަހު ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް ކުރީ ފީ ސަބީލިﷲ އަށް ކަމަށް މޯލްޑިވްސް ޒަކާތް ހައުސް އިން ބުނެފި އެވެ.
ޒަކާތް ހައުސް އިން މިއަދު އާންމުކޮށްފައިވާ އޭޕްރިލް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު ފީ ސަބީލިﷲ އަށް ޖުމުލަ 2،167،016 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މަތީ ތައުލީމު ފުރިހަމަކުރުމަށް: 290،274.76ރ.
- ގުރުއާން ހިތުދަސް ކުރުމާއި ގުރުއާން އިލްމު ފެތުރުމަށް: 1،093،749.47ރ.
- އަތޮޅު ތެރޭގައި ގުރުއާނާބެހޭ މަރުކަޒުތައް އެޅުމަށް: 782،992.50ރ.
އޭޕްރިލް މަހު ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ފަގީރުންނާއި މިސްކީނުންނަށެވެ. އެ ބަޔަށް1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ބައިން ކޮށްފައިވާ ހަރަދުތަކަކީ:
- ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ ދިނުމަށް: 1،266،508.39ރ.
- ޒަރޫރީ އެހީއަށް: 182،731ރ.
ޒަކާތް ހައުސް އިން ބުނީ، މިދިޔަ އޭޕްރިލް މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް މިދިޔަ އަހަރުގެ އޭޕްރިލް މަހު ކުރި ހޭދައަށްވުރެ 34.8 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލް މަހު 2.8 މިލިއަން ރުފިޔާ ހޭދަކުރި އިރު، މި އަހަރުގެ އޭޕްރިލް މަހު ހޭދަކޮށްފައިވަނީ 3.8 މިލިއަން ރުފިޔާ އެވެ.







