ބަންދުގައި ހުއްޓައި ފިލީ ގަދަނުގައި ރޯކޮށްލި މައްސަލައިގައި ހިމެނޭ މީހާ 

ބަންދުގައި ހުއްޓައި ފިލާފައިވަނީ ގ. ހިޔާރޯދީގައި ހުރި ގުދަނެއްގައި ރޯކޮށްލިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި ބަންދުގައި ހުރި މީހާކަން އެނގިއްޖެއެވެ.

އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ފިލި ގައިދީއަކު ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ވަނީ އިއުލާންކޮށްފައެވެ.

ޝަހުބާނަކީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅިގެން، ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހެކެވެ.

ފުލުހުން މިއަދު ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި މައްސަލައެއް، ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޝަހްބާން ހައްޔަރުކުރީ އަލިފާނުގެ ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާ އެ ގޭގެ ތެރެއަށް ވަދެ ނުކުމެ ހަދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޝަހްބާން ހެނދުނު 10:33 ހާއިރު ސައިކަލެއްގައި އައިސް އެ ގެއަށް ވަދެ، އޭގެ ހަ މިނެޓު ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދެއެވެ. އޭނާ ނުކުތްތާ ހަތަރު މިނެޓު ތެރޭގައި، އެ ގެއިން ދުން އަރަން ފަށައެވެ.

ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ނިންމައި، ޝަހުބާނަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އޭޕްރީލް މަހުގެ 21 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަައެވެ.