ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައެއްގައި މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިގަނޑު ނެގުމުގައި ހަރަކާތްތެރިވި ފިންލޭންޑުގެ ތިން ޑައިވަރަކަށް އިޓަލީ ސަރުކާރުން އެ ގައުމުގެ އެންމެ މަތީ ޝަރަފު އަރުވައިފިއެވެ.
އެ އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވި ސާމީ ޕާކަރިނެން، ޖެނީ ވެސްޓަލޭންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓަށް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ އެ ގައުމުގެ ”އޯޑާ އޮފް މެރިޓް“ ގެ ޝަރަފު ދެއްވައިފައެވެ. މިއީ އާންމު ރައްޔިތުންނަށް އިޓަލީން އަރުވާ އެންމެ މަތީ އެވޯޑެވެ.
އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޝަރަފު އެ ފަރާތްތަކަށް އެރުވީ ހޮހޮޅައިގެ ތެރެއިން ހަށިގަނޑުތައް ނެގުމުގައި އެ މީހުން ދެއްކި އާދަޔާ ހިލާފު ހިތްވަރާއި ފަންނީ މާހިރުކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މި ހާދިސާގައި މަރުވެފައިވަނީ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން، މެރިން ބަޔޮލޮޖިސްޓް ފެޑެރީކޯ ގުއަލްޓިއޭރީ އާއި ރިސާޗަރު މިއުރިއެލް އޮޑެނީނޯ އަދި ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ. މި މީހުންނަކީ ކަނޑުއަޑީގެ ދިރުންތަކާ ބެހޭ ގޮތުން ގިނަ ދިރާސާތަކެއް ކުރަމުން އައި ތަޖުރިބާކާރުންގެ ޓީމެކެވެ.
މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރެއް ވެސް ވަނީ ނިޔާވެފައެވެ. މި އޮޕަރޭޝަންގައި ބައިވެރިވި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ މަރުވީ، ފުން ހިސާބަކަށް ފީނުމަށްފަހު މައްޗަށް އެރުމުގައި ދިމާވާ ސިއްހީ މައްސަލައެއް ކަމަށްވާ ޑީކޮމްޕްރެޝަން ސިކްނެސްގެ ސަބަބުންނެވެ.
މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގައި ފުރަތަމަ ހަރަކާތްތެރިވީ އެމްއެންޑީއެފްގެ ޑައިވަރުންނެވެ. ނަމަވެސް ފަހުން އެމީހުންގެ ހަށިގަނޑުތައް ނަގާފައިވަނީ އިޓަލީ ސަރުކާރުން ފޮނުވި ފިންލެންޑް ޑައިވަރުންގެ ޓީމުންނެވެ.


