ފްރާންސްގެ ޕެރިސް ކައިރީގައި ހުންނަ ނަފުސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ތެރަޕީ ހިމާރުގެ އެހީގައި ބަލިމީހުންނަށް ފަރުވާ ދޭން ފަށައިފި އެވެ.
ހިމާރު ބޭނުންކޮށްގެން ނަފުސާނީ ބަލި ހުންނަ މީހުންނަށް ފަރުވާ ދޭން ފަށާފައިވަނީ ނިއުލީ-ސޫ-މާންގައި ހުންނަ ވިލް-އެވްރާޑް ހޮސްޕިޓަލްގައެވެ. މި ހޮސްޕިޓަލަކީ 19 ވަނަ ގަރުނުގެ ދަނޑުވެރިކަމުގެ އިމާރާތްތަކާއި ގަސްބޯ ސަރަހައްދެއް ހިމެނޭ ތަނެކެވެ.
ތެރަޕީ ހިމާރު ބޭނުންކުރި މީހުން ބުނާ ގޮތުގައި އެއީ ހިތްހަމަޖައްސައިދޭ ކަހަލަ ބޭހެއް ކެއުން ފަދަ ކަމެކެވެ.
”އަހަރެން މިއަށް ކިޔާނީ ’ޖަނަވާރު ބޭސްވެރިކަން’، މީގެން ވަރަށް ބޮޑު ލުޔެއް ލިބޭ. އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތޭ،“ ތެރަޕީ ހިމާރު ތަޖުރިބާކުރި އުމުރުން 60 އަހަރުގެ ބަލިމީހެއް ކަމަށްވާ ނަތާލީ ބުންޏެވެ.
ބަލިމީހުން މި ސެޝަންތަކުގައި ބައިވެރިވަނީ އެއްވެސް ފީއަކާ ނުލައި، ފްރާންސްގެ އާންމު ސިއްހީ ނިޒާމުން ހަރަދުކުރާ ފަރުވާގެ ބައެއްގެ ގޮތުގައެވެ. އަދި ބައިވެރިން އާންމުކޮށް ޖޯޑުކުރެވެނީ ވަކި ހިމާރުތަކަކާ އެވެ. އެއީ ނޯނޯ، ޕިޓޫ، އޮސްކާ، މަނޯލޯ ނުވަތަ މަލްރޯ އެވެ. ދުވަސްވީވަރަކަށް އެކަކު އަނެކެއްގެ މިޒާޖަށް އެ ހިމާރުތައް އަހުލުވެރިވެ އެވެ.
އެނިމަލް ތެރަޕީ ޔުނިޓުގެ ނަރުހެއް ކަމަށްވާ އޯޑްރީ ސެފާ ބުނި ގޮތުގައި، މަދު ސެޝަންތަކަކަށް ފަހު ނަތާލީއަށް އައި ކުރިއެރުން ވަރަށް ބޮޑެވެ.
”ފުރަތަމަ އޭނާ (ޖިސްމާނީ ދަތިތައް ހުންނަ މީހުންނަށް ހާއްސަ) ކާޓުން ފައިބާކަށް ބޭނުމެއް ނުވި. އެކަމަކު މަޑުމަޑުން ހިތްވަރު ދިނުމުން އޭނާ ފޭބި، މި ޖަނަވާރަކީ މެދުވެރިއެއްގެ ދައުރު އަދާކުރާ އެއްޗެއް. މިއީ ކިހާ އާދަޔާ ހިލާފު ކަމެއްކަން އެނގެނީ މިއަދު އޭނާއަށް ކާޓުން ފައިބައިގެން އޭނާގެ ހިމާރު ކައިރީގައި ކޮޅަށް ހުރެވުނީމަ،“ ސެފާ ބުންޏެވެ.
އުމުރުން 52 އަހަރުގެ އެހެން ބަލިމީހެއް ކަމަށްވާ ޖެރޯމް ބުނި ގޮތުގައި، މި ޕްރޮގްރާމުގެ ސަބަބުން އެކަނިވެރިކަން ކުޑަވެ އެވެ. އަދި ބޭސްކުރުމާއި ފަރުވާގެ އާދައިގެ ތެރެއިން ބޭރަށް ނުކުމެވޭ ކަމަށްވެސް އޭނާ ބުންޏެވެ.
ވިލް-އެވްރާޑް ހޮސްޕިޓަލަށް ފުރަތަމަ ހިމާރުތައް ގެނައީ 2016 ވަނަ އަހަރު، ނަފުސާނީ ބަލިތަކަށް ހާއްސަ ދެ ނަރުހުން ކަމަށްވާ އާމެލިންޑާ އަދި ފްރާންސުއާ ހަޑޭ ފެށި މަޝްރޫއެއްގެ ދަށުންނެވެ. އެ މީހުން ވަނީ 2022 ވަނަ އަހަރު އެނިމަލް ތެރަޕީ ޕްރޮގްރާމަށް ހުއްދަ ހޯދައި، އެކަމަށް ހާއްސަ ނަރުހުންވެސް ހޯދައިފަ އެވެ.
އެ މީހުން ގަބޫލުކުރާ ގޮތުގައި ނަފުސާނީ ބަލިތަކަށް އެނިމަލް ތެރަޕީގެ ފައިދާ ވަރަށް ބޮޑެވެ. ހާއްސަކޮށް މަޑުމައިތިރި އަދި އިޖުތިމާއީ މިޒާޖެއްގެ ގޮތުގައި ފާހަގަކުރެވޭ ހިމާރަކީ މިކަމަށް އެންމެ އެކަށީގެންވާ ޖަނަވާރު ކަމަށް އޭނާ ދެކެ އެވެ. އެގޮތުން ތެރަޕީ ދިނުމަށް ބޭނުންކުރާ ބައެއް ހިމާރަކީ އިހުމާލުވުމާއި އަނިޔާވެރިކަން ތަހައްމަލުކުރުމަށްފަހު، ޖަނަވާރުން ބަލަހައްޓާ މަރުކަޒުތަކުން ގެނައި އެއްޗިއްސެވެ.
”ހިމާރަކީ ވަރަށް ބުއްދިވެރި އެއްޗެއް. ކަންކަން ވަރަށް އަވަހަށް ދެނެގަނޭ، އެކަމަކު ކިޔައިދޭން ޖެހޭނީ ވަރަށް މަޑުމަޑުން، ހިމާރަކީ މަޑުމައިތިރި، ހަމަޖެހޭ، އަދި އާންމުކޮށް މީހުންނާ ގާތް ޖަނަވާރެއް. އެ ތަކެތި މި މުއާމަލާތްތަކުގައި ބައިވެރިވުމުން، ބަލިމީހުންނާ ވަރަށް ބޮޑަށް ގުޅިގެންދޭ. އެއީ އިހުސާސްތައް ދަމައިގަންނަ ’ސްޕޮންޖު‘ ތަކެއް ކަހަލަ އެއްޗެއް،“ ފްރާންސުއާ ހަޑޭ ބުންޏެވެ.
ވިލް-އެވްރާޑް ހޮސްޕިޓަލްގެ އެނިމަލް ޕްރޮގްރާމް ފުޅާކޮށް މިހާރު ދަނީ ގިނީ ޕިގް، ކުކުޅު، ކޮތަރު، ބަކަރި، ވެލާ އަދި މުސަޅު ވެސް ތެރަޕީގެ ލިސްޓުގައި ހިމަނައިފަ އެވެ.
”މި ހަރަކާތް ނިންމާލާފައި އަންނަ ކޮންމެ ފަހަރަކު، އެމީހުން ބުނަނީ ވަރަށް ހިތްހަމަޖެހި، މަޑުމައިތިރިވެ، އަދި ހަމަޖެހިލެވޭ ކަމަށް. އަދި މި ދަތުރުގެ ބޭނުން ވަރަށް ރަނގަޅަށް ހިފުނު ކަމަށް އެމީހުން ބުނޭ. މިއީ ވަރަށް އުންމީދީ ކަމެއް،“ ނާސިންގް ކިޔަވާ 18 އަހަރުގެ ދަރިވަރެއް ކަމަށްވާ އެލީޝިއާ ފަބީ ބުންޏެވެ.
ހާޑޭ ބުނި ގޮތުގައި އެނިމަލް ތެރަޕީއާ ގުޅޭގޮތުން އިތުރު ސައިންޓިފިކް ދިރާސާތައް ބޭނުންވެ އެވެ. އަދި ޖަނަވާރުން ބޭނުންކޮށްގެން ދެވޭ މި ފަރުވާއަކީ ނަފްސާނީ ބަލިތަކަށް ދެވޭ އިތުރު އެހީތެރި ފަރުވާއެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް ބޭނުންވާ ކަމަށްވެސް ބުންޏެވެ.
”އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ދިރާސާ ބޭނުންވޭ. ބަލިމީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ގިނަ މައުލޫމާތު ލިބޭ… އެ މީހުންނާއެކު އުޅޭ އެހީތެރިންނަށްވެސް މީގެ ފައިދާ ކޮންމެ ދުވަހަކު ފެނޭ،“ އޭނާ ބުންޏެވެ.


