ފީފާ ވޯލްޑް ކަޕް: ސްޓޭޑިއަމްތަކަށް ފެންފުޅި ވެއްދުން މަނާކުރުމުން ފާޑުކިޔުން

ދަނޑުމައްޗަށް ފެންފުޅިތަކެއް އުކާފައި -- ފޮޓޯ: ޕީއޭ

ފީފާއިން ވޯލްޑް ކަޕް 2026 ގެ ސްޓޭޑިއަމްތަކަށް ”ރީފިލަބަލް“ ފެން ފުޅި ވެއްދުން މަނާކޮށް، އާ އުސޫލެއް ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

އުތުރު އެމެރިކާގެ 16 ސްޓޭޑިއަމެއްގައި ކުރިއަށްދާ މި މުބާރާތުގެ ”ސްޓޭޑިއަމް ކޯޑް އޮފް ކޮންޑަކްޓް“ އަށް ގެނައި މި ބަދަލާއެކު، ސަޕޯޓަރުންނަށް މީގެ ކުރިން ދީފައިވާ ހުއްދަ ވަނީ ބާތިލުވެފައެވެ. ފީފާއިން މި ފިޔަވަޅު އެޅީ، މުބާރާތް ފެށުމުގެ އެއް ހަފުތާ ކުރިންނެވެ.

މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ފޭން ގްރޫޕެއް ކަމަށްވާ ”ފްރީ ލަޔަންސް“ އިން ބުނީ، މިއީ ފައިސާ ހޯދުމަށް ފީފާއިން ކުރި ކަމެއް ކަމަށެވެ. އަދި ހޫނު ގަދަ މޫސުމެއްގައި ސްޓޭޑިއަމްތަކުގައި ހިލޭ ފެން ލިބޭނެ ކަމަށް ކުރިން ޔަގީންކަން ދީފައިވާ ކަމަށާއި، މި ބަދަލަކީ ވަރަށް ”މަޖުބޫރު“ އަދި ”ބީރައްޓެހި“ ބަދަލެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ފީފާއިން ބުނި ގޮތުގައި، މި ފިޔަވަޅު އެޅީ ސަލާމަތީ ސަބަބުތަކަށްޓަކައި، ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ގެއްލުމެއް ލިބިދާނެތީ ފުޅި އުކުމުގެ ފުރުސަތު ކުޑަކުރުމަށެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ސަޕޯޓަރުންނަށް ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށް، ސްޓޭޑިއަމްތަކުގައި ފެން ބޯނެ ހާއްސަ އިންތިޒާމުތަކާއި ކޫލިން ޓެންޓުތައް ގާއިމުކުރާނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ކުޅުންތެރިންނަށް ހޫނު މޫސުމުގެ އުނދަގޫ ކުޑަކުރުމަށް މެޗުތަކުގެ ދެ ހާފުގެ މެދުތެރެއިން ތިން މިނެޓުގެ ”ޑްރިންކްސް ބްރޭކް“ ނަގަން ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މޫސުމާ ބެހޭ މާހިރުން އިންޒާރު ދެމުންދަނީ މި މުބާރާތުގެ ބައެއް މެޗުތައް ކުޅެން ޖެހޭނީ ހަށިގަނޑަށް ނުރައްކާވާ ފެންވަރަށް ހޫނުގަދަ މާހައުލެއްގައި ކަމަށެވެ.