ވޯލްޑް
ކަޕް

އެމެރިކާގެ ފެށުން ތާރީހީ މޮޅަކުން

ފޯލަރިން ބަލޮގުން ޖެހި ގޯލަށްފަހު އެމެރިކާގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

އެމެރިކާގެ ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް 2026 ގެ މެޗުގައި، ޕެރަގުއާއީގެ މައްޗަށް 4-1 ގެ ނަތީޖާއަކުން އެމެރިކާ ކުރި ހޯދައިފިއެވެ.

މި މެޗަކީ ވޯލްޑް ކަޕް 2026 ގައި އެމެރިކާ ކުޅުނު ފުރަތަމަ މެޗު ކަމަށްވާ އިރު، މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް ފެނިގެންދިޔަ އެންމެ ފުރިހަމަ އެއް ފެށުމެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި އެމެރިކާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އެމެރިކާ ވަނީ 3-0 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި އެމެރިކާއަށް ހާފެއްގެ ތެރޭގައި ލިބުނު އެންމެ ބޮޑު ލީޑެވެ.

މެޗުގެ ތަރިއަކީ ދެ ގޯލު ކާމިޔާބުކުރި ފޯލަރިން ބަލޮގުންއެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި އެމެރިކާއަށް ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭގެ ކުރިން ފެނުނު އެމެރިކާގެ ފުރަތަމަ ގޯލަކީ ޕެރަގުއާއީގެ ޑަމިއާން ބޮބަޑިއްލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޖިއޮވާނީ ރޭނާ ވަނީ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް، އެމެރިކާގެ މޮޅުވުން ކަށަވަރުކޮށްދީފައެވެ.

ޕެރަގުއާއީ އިން މެޗުގެ 73 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކުރި ނަމަވެސް، އެމެރިކާގެ ވަރުގަދަ އެޓޭކުތަކުގެ ކުރިމަތީގައި އެ ޓީމަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ޕެރަގުއާއީގެ ގޯލު ކާމިޔާބުކޮށްދިނީ މައުރީސިއޯއެވެ.

މި މެޗު ބެލުމަށް 70،492 ސަޕޯޓަރުން ލޮސް އެންޖެލިސް ސްޓޭޑިއަމަށް ވަދެފައިވެއެވެ. މިއީ 32 އަހަރަށްފަހު އެމެރިކާގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕް މެޗު ކަމަށްވުމުން، މި ކާމިޔާބީ އަކީ އެ ގައުމުގެ ފުޓްބޯޅަ ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ގްރޫޕު ޑީގައި އެމެރިކާ އާއި ޕެރަގުއާއީގެ އިތުރުން ދެން ހިމެނެނީ ތުރުކީ އާއި އޮސްޓްރޭލިއާ އެވެ.

ވޯލްޑް ކަޕް 2026 ގައި ކުރިއަށް ހުރި މެޗުތައް (ޖޫން 14 ގައި)

00:00 ގަތަރު – ސްވިޒަލެންޑް (ގްރޫޕު ބީ)

03:00 ބްރެޒިލް – މޮރޮކޯ (ގްރޫޕު ސީ)

06:00 ހެއިޓީ – ސްކޮޓްލެންޑް (ގްރޫޕު ސީ)

09:00 އޮސްޓްރޭލިއާ – ތުރުކީ (ގްރޫޕު ޑީ)

22:00 ޖަރުމަން – ކިއުރެސާއޯ (ގްރޫޕު އީ)