ވޯލްޑް
ކަޕް

ޕާޓޭއަށް ކެނެޑާއިން ވިސާ ނުދިން، ގާނާގެ ފުރަތަމަ އޭނާއަށް މެޗު ގެއްލޭނެ

ގާނާ މިޑްފީލްޑަރު ތޯމަސް ޕާޓޭ -- ފޮޓޯ: ގެޓީ

ގާނާގެ ތަޖުރިބާކާރު މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް ވިސާ ނުލިބުމުން، ފީފާ ވޯލްޑް ކަޕް 2026 ގައި ޕެނަމާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގައި ބައިވެރިނުވާނެކަން ކަށަވަރުވެއްޖެއެވެ.

މިކަން ހާމަކޮށް ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާޓޭ ކެނެޑާއަށް އެތެރެވުމަށް އެދުނު ވިސާގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފައިނުވާތީ، ޖޫން 17 ވަނަ ދުވަހު ޓޮރޮންޓޯގައި ކުޅޭ މެޗަށް އޭނާއަށް ދަތުރުކުރެވެން ނެތް ކަމަށެވެ.

އުމުރުން 32 އަހަރުގެ ޕާޓޭގެ މައްޗަށް އިނގިރޭސިވިލާތުގައި ރޭޕްކުރުމުގެ ހަތް ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ އެއް ދައުވާ އުފުލިފައިވާ އިރު، އޭނާ ވަނީ މި ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައެވެ.

ކެނެޑާގެ އިމިގްރޭޝަން ގަވާއިދުތައް ބުނާގޮތުން، ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ ކުށެއް ސާބިތުވެފައިވާ ފަރާތްތަކަށް އެގައުމަށް އެތެރެވުމުގެ ހުއްދަ ނުދިނުމުގެ އިހުތިޔާރު އެގައުމަށް ލިބިގެންވެއެވެ.

ފީފާއިން ވަނީ މި މައްސަލައަކީ ކެނެޑާގެ އިމިގްރޭޝަން އުސޫލާ ގުޅުންހުރި ކަމެއް ކަމަށާއި، ވިސާ ދިނުމުގައި ފީފާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ބުނެފައެވެ.

ގާނާގެ ޓީމު މިވަގުތު ތިބީ އެމެރިކާގެ ބޮސްޓަންގައި ކޭމްޕްކޮށްގެންނެވެ. ޕާޓޭގެ މައްޗަށް ދައުވާތަކެއް ކުރެވިފައިވީ ނަމަވެސް، އެމެރިކާގައި ކުޅޭ މެޗުތަކުގައި ބައިވެރިވުމަށް އޭނާއަށް ހުރަހެއް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.