މި ސަރުކާރުގައި ސޮއިކޮށް ކުރިއަށްދާ މަޝްރޫއުތަކާއި ސޮއިކުރަން ހުރި މަޝްރޫއުތަކުގެ އަދަދު 2,645 އަށް އަރާ ކަމަށާއި އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ތާވަލެއް މިހާރު ކަނޑައަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. މީދޫ ކައުންސިލުގެ ތިން ގޮނޑިވެސް ޕީއެންސީއަށް ލިބުމުގެ އުފަލުގައި އެ ރަށުގައި ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި ކޮންސްޓްރަކްޝަން ސާމާނު ގެނައުމުގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުމެއް އައި ކަމަށެވެ. ނަމަވެސް މަޑުމަޑުން އެކަން ރަނގަޅުވަމުން އައިސް ދެން ފެނިގެންދާނީ ސްޕީޑް ހަލުވިވެގެންދާތަން ކަމަށް ވިދާޅުވި އެވެ.
”މިއަދު އަޅުގަނޑުމެން ވާނީ ކެބިނެޓުގައި މަޝްވަރާކޮށް, ހުރިހާ މަޝްރޫއުއެއްގެ ތަރުތީބު ކަނޑައަޅައި ނިންމާފައި. މިހާރު ސޮއިކުރެވިފައި ހުރި މަޝްރޫއުތަކާއި މި އަހަރު އަލަށް ސޮއިކުރަން ހުރި މަޝްރޫއުތަކާއި އަދި އަންނަ އަހަރު އަޅުގަނޑުމެންގެ ވައުދުތައް ފުއްދުމަށް ހުރި މަޝްރޫއުތައް އެއްކޮށްލާއިރުގައި 2,645 މަޝްރޫއުއެއް ހިމެނޭ,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތާވަލުގައި ކޭޝް ފްލޯ މެނޭޖުކުރަމުން އަދި ދަރަނިތައް ދައްކަމުން ކުރިއަށްދާނެ ގޮތާއި ކުރިއަށް އޮތް އަހަރުތަކުގައި ކޮން މަހެއްގައި ނިންމާނީ ކިތައް އަދި ކޮން މަޝްރޫއުތަކެއްތޯ ހިމަނާފައިވާނެ ކަމަށެވެ.


