އިލެކްޝަން ކޮމިޝަނަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލު އައްޔަންކުރަން ނަން ފޮނުވައިފި

ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް --

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންނަން މަޖިލީހަށް ނަން ފޮނުވައިފި އެވެ.

އީސީގެ މެންބަރުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުންނާއި މެންބަރުގެ މަގާމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އީސީއަށް މެންބަރަކު އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވެވީ އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ނަންފުޅެވެ. ޝަކީލުގެ ނަމާއެކު ރައީސް ވަނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައްވެސް މަޖިލީހަށް ފޮނުއްވައިފަ އެވެ.

ޝަކީލް މީގެ ކުރިންވެސް ވަނީ އީސީގެ މެންބަރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

މީގެ ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައިވާ ޝަކީލު މި ސަރުކާރުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ 28 ނޮވެންބަރު 2023 ގައެވެ.