ތޯރިގު ޔޫއޭއީއަށް، އާދަމް ޝަރީފް ގަތަރު ސަފީރު ކަމަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ޠާރިޤް އިބްރާހީމާއި އާދަމް ޝަރީފް. ފޮޓޯ: ޕީއެސްއެމް

ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ތާރިގް އިބްރާހިމްއާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ތާރިގު އަދި ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

އެ ދެބޭފުޅުން ސަފީރު ކަމަށް އައްޔަންކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކުރީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު ގާބިލު ދެ ބޭފުޅުންކަމަށްވާތީ އިތުރު އިންޓަވިއުއަކާ ނުލަ އެވެ. މަޖިލީހުން ދެ ބޭފުޅުންނަށް ރުހުން ދީފައިވަނީ 57 މެންބަރުންގެ ވޯޓުންނެވެ.

ތާރިގަކީ މި ސަރުކާރުގެ ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރެވެ. އާދަމް ޝަރީފަކީ މި ސަރުކާރުގައި ސިޓީތަކާ ގުޅޭ މިނިސްޓަރެވެ.