ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން އިއްޔެ ބުނީ، އެ ތަކެތި އަތުލައިގަތީ ރާއްޖެއަށް ގެނައި ޝިޕްމަންޓެއްގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން، މި މަހު ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އެ ތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ތަކެތި ރާއްޖެ އެތެރެކުރީ ކޮން ގައުމަކުން ކަމެއް އަދި މި ތަކެތި އެތެރެކުރީ ކޮން ކުންފުންޏެއް ނުވަތަ މީހެއްގެ ނަމުގައި ކަމެއް ކަސްޓަމްސް އިން ނުބުނެ އެވެ.


