ފިޔާގެ ދަތިކަމެއް އުޅޭ ވާހަކައަށް އެސްޓީއޯ: ފިޔާ އެބަހުރި، އަންނަ ހަފުތާގައި ހޯލްސޭލްކޮށް ދޫކުރާނެ

އެސްޓީއޯގައި ފިޔާ އެބަހުރި ކަމަށާއި އަންނަ ހަފުތާގައި ހޯލްސޭލްކޮށް ދިޔާ ދޫކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން އެހެން ބުނީ، ފިޔާ ލިބުމުގައި ދަތިކަމެއް އުޅޭ ކަމަށާއ އަގުބޮޑުކޮށް ފިޔާ ލިބޭކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން އެ ކުންފުންޏަށް ލިބެމުންދާތީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނީގައި ފިޔާ އެބަހުރި ކަމަށާއި ފިޔާ ވިއްކަމުންދަނީ ކުރިންވެސް ވިއްކަމުންދިިޔަ އަގު ކަމަށްވާ 13 ރުފިޔާ އަށް ކިލޯއެއް ކަމަށެވެ.

އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.