ޑުރަގް ނެޓްވޯކުތައް ރޫޅާލުމުގެ ކަންކަން ހަރުދަނާވެއްޖެ: ރައީސް

2 މާރިޗު 2026 - ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

މިފަހުން ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ޑުރަގުގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑުރަގު ބޭނުންކުރުމާއި އޭގެ ގައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ޑުރަގު ބޭނުންކުރުމާއި އޭގެ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި ޑުރަގުގެ މައްސަލައަށް އާ އީޖާދީ ހައްލުތައް ހޯދުމުގެ މަސައްކަތް ކުރުމަށް، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާއެކުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޑުރަގަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގުތިސާދީ، އަހުލާގީ އަދި ގައުމީ ސަލާމަތަށް ހުރި ގޮންޖެހުމަކަށްވާއިރު، މި މައްސަލައަށް ހައްލެއް ހޯދުމަކީ ގައުމުގެ މުސްތަގުބަލާއި ޒުވާނުން ރައްކާތެރިކުރުމަށާއި ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ޑުރަގު ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި އަލުން މުޖުތަމައަށް ނެރުމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި އަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ހިދުމަތް ދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ރޭވިފައިވާ ކަމަށެވެ. އަދި މިފަހުން ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އިޖުރާއީ ހާމަކަން އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.